މިއަދާ ހަމަޔަށް އައިއިރު އަދިވެސް ފައިސާ ޗާޕެއްނުކުރާ ކަމަށާއި ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ޙަޤީޤަތްވާނީ ޙަޤީޤަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕުކުރުމަކާ ނުލައި، އެހެން މީހުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން، އިޤްތިޞާދު ފުޅާކުރަމުން، އިޤްތިޞާދު ތަރައްޤީކުރަމުން، ވެއްޓިފައި އޮތް އަނދަވަޅުން ނަގައި އިޤްތިޞާދު މިނިވަންކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
އިޤްތިޞާދީ ގޮތުން ޤައުމު މިނިވަންކުރުމަށްޓަކައި ކުރާ މަސައްކަތް ވެސް ހަމަ ނަތީޖާއާ ހަމަޔަށް ގެންގޮސްދޭނެ ކަމަށާއި އަބަދުވެސް ވާހަކަ ދައްކާނީ ނަތީޖާއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރު ފައިސާއަށް ދިމާވެފައިވާ މައްސަލައާ، މިހެންހުރި ހުރިހާ ކަމެއް ޙައްލުކުރުމުގައި، މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި، ޝޯޓް ޓަރމްގައި އެޅޭނެ ފިޔަވަޅުތަކާއި، މީޑިއަމް ޓަރމްގައި އެޅޭނެ ފިޔަވަޅުތަކާއި، ލޯންގް ޓަރމްގައި އެޅޭނެ ފިޔަވަޅުތައް މަޝްވަރާކޮށް ޕްލޭންކޮށްފައި ވާނެ ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ މާހިރުންގެ ލަފައާއި މަޝްވަރާވެސް ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއި ބައިވެރިވުންމުން ޤާއިމުވެގެންމިދާ ޤައުމަކީ، އިޤްތިޞާދީ ގޮތުން ފައިމައްޗަށް ތެދުވެފައިވާ، ތަރައްޤީއާއި ތަމައްދުންގެ ރޭހުގައި ކުރިއަރާފައިވާ، ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ފައިދާކުރާނީ ހަމައެކަނި މި ޤައުމަކަށް ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ މި ސަރަޙައްދުގެ ޕީސް އެންޑް ސްޓޭބިލިޓީއަށް ބަލާއިރުގައިވެސް މި ޤައުމަކީ ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށްވުމަކީ، ހަމަ ކޮންމެހެންވެސް ވާންޖެހޭނެ ކަމަށެވެ.