މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު މިއަދު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޒިޔާރަތްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކައުންސިލަރުން ވެމްކޯއަށް ޒިޔާރަތްކޮށްފައި ވަނީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައި ވެމްކޯގެ އެޗް.އާރު ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށެވެ.

މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚިދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވިއެވެ.

ސިޓީ ކައުންސިލުން ބުނީ މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ޞިއްޙީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.