ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ ރޮކިބުލް ހަސަން (24އ) އާއި، އެމް ޑީ ޖަކިރް ހޮސެއިން (29އ) އެވެ.
ފުލުހުން ބުނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި، އެ މީހުން އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.