ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފއިވާކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަކީލް ވިދާޅުވީ، މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށާއި، އެހެންކަމުން އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ ފާހަގަކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެފްޑީސީން މިހާރު މަޝްވަރާތަކެއް ކުރަމުންދާކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަކީލް ވިދާޅުވީ، ހުރިހާ އެޕާޓްމަންޓްތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.