މި މަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއިތަކެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، ތައިލޭންޑް ގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް 31 އޮގަސްޓް ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް ޢަމަލުކުރަން ފަށާނެ ކަމަށެވެ. އަދި ތައިލޭންޑް ގެ ވިސާ އަށް ގެނައި ބަދަލާގުޅިގެން މި މަހުގެ 15 އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
ހާރިޖީ ވުޒާރާއިން ބުނީ، މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައި ކަމަށެވެ.
އެހެން ކަމުން ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ގައުމުގައި ތިބުމަށް 15 ދުވަސް ދޭ ގައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ، މި ަހަރުގެ ޖޫން 19 ގައި ރާއްޖޭގެ ހަރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.