ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި އަދި އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ ޢަބްދުالله ޝަރީފު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުالله ޝަރީފު އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވީ ޚަބަރު އަޑުއެއްސެވީ ވަރަށްފުން ހިތާމައާއެކުގައި ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ޙާޞިލުކުރައްވައިފައިވާ، މަރްޙޫމް ޢަބްދުالله ޝަރީފަކީ 41އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، 34އަހަރަށްވުރެ ދިގުމުއްދަތެއްގައި ޝަރީފް ހިދުމަތްކުރައްވައިފައިވާ ކަމަށާއި، މަރުހޫމް ޢަބްދުﷲ ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަރަށް ހިންގުންތެރި އަދި ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތްކޮށްދެއްވި، މަސައްކަތުގެ އަހުލާގު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.