އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ތިން ދުވަހުގެ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" ށ ފުނަދޫގައި ކުރިއަށްގެންދިއުމަށް ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ 2026 ސެޕްޓެމްބަރ 22 އިން 24 އަށް، ފުނަދޫގައެވެ.
އެ ވުޒާރާއިން ބުނީ، މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ހިދުމަތްތަކާއި، އިޖުތިމާއީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ެ ވުޒާރާއިން ބުނެއެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ.
އެ ވުޒާރާއިން ބުނީ، މީގެ އިތުރުން، އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ހިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އަންހެނުންނަށް ނިންމުންތައް ނިންމާ ފެންވަރުގައާއި، ގައުމީ ކުރިއެރުމުގައި މާނަހުރި ދައުރެއް އަދާކުރުމަށް ހިތްވަރު ދިނުމަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ގައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެގޮތުން މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ސަރުކާރުގެ އަމާޒަކީ އަންހެނުންގެ އަމިއްލަ އަދި ފަންނީ ކުރިއެރުމަށް އެހީތެރިވެދީ، ސިޔާސީ އަދި އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެ ވުޒާރާއިން ބުނެއެވެ.
މި ޕްރޮގްރާމަކީ މި ސިލްސިލާގެ ދަށުން ހިންގޭނެ ފަސްވަނަ ޕްރޮގްރާމަށް ވާއިރު، މީގެ ކުރިން ހއ. ދިއްދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި އދ މަހިބަދޫގައި ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.