މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން އިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެގެންދާނެ ކަމަށާއި، ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކާއި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ސިއްހީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަވެ، އާންމު ސިއްހީ ހިދުމަތްތަކުގެ އިތުރުން ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކޯލްޑް ޗެއިން ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމާއި، ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

މި އިމާރާތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އިމާރާތެއް ކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި އިމާރާތް ބޭނުންކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، މި ފެސިލިޓީގެ ސަބަބުން ބޭހާއި، ވެކްސިން، މެޑިކަލް އިކުއިޕްމަންޓް އަދި ސިއްހީ އާލާތްތައް ރައްކާކުރުމަށް ހާއްސަ ޖާގައެއް ލިބިގެންދާނެ ކަމަށާއި، މިއާއެކު، ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެ، މަސައްކަތުގެ ހިންގުން ހަރުދަނާވެ، ދިގު މުއްދަތުގައި ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމުގައި ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.