ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ވިޔަފާރިކުރަމުންދިޔަ ބޭރުގެ 28 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކޮށްފައިވާ އިންވެސްޓްމަންޓް ދާއިރާތަކުގައި ހަރަކާތްތެރިވަމުން ގޮސްފައިވާ ފޮރިން އިންވެންސްޓްމަންޓް ކުންފުނިތަކެއް އުވާލާފައިވާކަން ހާމަކޮށްފައެވެ.

އަދި އެއީ ކުންފުނީގެ ޤާނޫނުގެ 246 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އުވާލުމަށް ކަނޑައަޅައި އިއުލާނުކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުނިތައް ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން 28 ކުންފުންޏެއް ވަނީ އުވާލާފައި ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ވަނީ އެ 28 ކުންފުނީގެ ލިސްޓު އެ ޕޯސްޓުގައި ހިމަނާފައެވެ.

ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓް ނުކުރެވޭނެ ވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކުރީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީން އިންވެސްޓް ކުރުން މުޅިން މަނާކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިމާރާތްތަކަށް ހިދުމަތްތައް ދިނުމާއި، ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި، އޮފީސްތަކަށާއި ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގެ މަސައްކަތްތަކާއި، 15 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތްތައް އެޅުމުގެ މަސައްކަތްތަކާއި، 10 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ރިސޯޓުތައް ހެދުމުގެ މަސައްކަތްތަކާއި، ޓިއުޝަނާއި ޤުރުއާން ކްލާސްތައް ހިންގުން ހިމެނެއެވެ.