ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ އިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި ދެމީހުން އަތުލައިގަނެފައި ވަނީ، މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން މި ހިނގާ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ގއ. މާމެންދޫ / ފިޔާތޮށިވިލާ، އުމުރުން 29 އަހަރުގެ އަޒުހަދު ނަސީމް އާއި ގއ. މާމެންދޫ / ރޯޝަނީގެ، އުމުރުން 29 އަހަރުގެ ރިޝްފާން ރާމިޒު އެވެ. މި ދެމީހުންނަކީ ވެސް މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މި މައްސަލަ އަޕަރ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.