ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޠާރިޤް އިބްރާހީމް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އަރުއްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަތަންގައެވެ. އެ ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ވަނީ ސަފީރުގެ ދައުރު ފެށުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރު ކަމުގެ ދައުރުގައި ކާމީޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޠާރިޤު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހިރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ރައީސާއި އެ ޤައުމުގެ ރައްޔިތުންނަށް މަރުހަބާ އާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ސަފީރު ޠާރިޤުގެ ވާހަކައިގައި ވަނީ ސަފީރު ކަމުގެ ދައުރުގައި ދެ ޤައުމުގެ އަޚުވަންތަ ގާތްގުޅުން އިތުރަށް ބަދަހިކޮށް އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 15 މާރިޗު 1978 ވަނަ އަހަރުއެވެ.