ހުރިހައި ޙާލެއްގައި، ކުޑަކުދިން ރައްކާތެރި ކުރުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ޙުތުބާގައި ކުޑަކުދީންގެ ޙައްޤުތަކަށް އަލިއަޅުވާލައި ބުނީ، ކުޑަކުދީންނަކީ، މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހައި ޙާލެއްގައި، އަދި ހުރިހައި ވަގުތެގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމަށެވެ.

ޙުތުބާގައި ވަނީ، ވޭތުވެގެން މިދާ ހަފުތާގެތެރޭގައި ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެއް ކަމަށް ބުނެފަ އެވެ. އެއީ ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއްލިބުނު މަޢުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރު ކަން ފާހަގަކޮސް ޙުތުބާގައި ވަނީ އެ މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރަޙުމާނުވަންތަ މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާފަ އެވެ.

މީގެ އިތުރުން، ކުޑަކުދީންނަށް އިހުމާލުނުވުމަށް މާތް ﷲ އަމުރުކުރައްވާފައިވާ ކަމަށް ޙުތުބާގައި ބުނެފައިވެ އެވެ. އަދި އުންމަތުގެ ކުޑަކުދީން، ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަން ޙުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނެވެ. އަދި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންނެވެ. އެހެންކަމުން ޢާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބޯލަނބާށެވެ! ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެކެވެ. "

ހުކުރު ޙުތުބާ

ޙުތުބާގައި އިތުރަށް ބުނީ، މުސްލިމުންނަށް ކިޔައިއުޅޭ ހެއު ރަނގަޅު ނަމެއް ދަރީންނަށް ކިޔައި، އެ ކުދީންގެ އިސްލާމީ ޝަޚުޞިއްޔަތު ބިނާކުރުމަކީ އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.