ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ދެމެދު ޕްރައިވެޓް ސެކްޓަރގެ ގުޅުން އިތުރަށް ކުރިއަރުވަން ޖެހޭކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ޗައިނާގައި ހުންނަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ސަފީރު ފާހަގަކުރެއްވި ގޮތުގައި، މި ފޯރަމްއަކީ ވަރަށް މުހިންމު ފޯރަމްއެކެވެ. އަދި ހާއްސަކޮށް މި ސަރަހައްދުގެ މީޑިއާ އިންސްޓިޓިއުޓްތައް އެއްތަނަކަށްއައިސް ގުޅުވާލަދޭ ފޯރަމްއެއްކަން ސަފީރު ފާހަގަކުރެވިއެވެ.

މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ސަފީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތަރައްގީގެ އައު ބާރަކަށް ހެދުމާއި ގުޅޭގޮތުންނެވެ.

މި ޕެނަލްގައި ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވައި ސަފީރު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ރާއްޖެ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޓެކްނޮލޮޖީ ބޭނުންކުރި ނަމަވެސް އެ ބޭނުންވާ ނޮލެޖާއިއެކު ލިބޭ މިންވަރު މަދުކަމަށެވެ. އެހެންކަމުން ޗައިނާފަދަ ޤައުމުތަކުގެ އެހީތެރިކަމާއިއެކު އެ އިލްމުގެ އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ 2 ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ކުރިއަރުވަން ޖެހިފަހެން މިއޮތީ ޕްރައިވެޓް ސެކްޓަރ އާއި ޕްރައިވެޓް ސެކްޓަރގެ ގުޅުން. މީހެން އަޅުގަނޑަށް ހީވަނީ އެންމެ ބޮޑަށް ކުރިއަރަންޖެހޭ އެއްޗަކީ. މިބައިގެ ގުޅުމަކީ ވިޔަފާރީގެ ގުޅުން. މިބައިގެ ގުޅުމަކީ އިންވެސްޓްމަންޓްގެ ގުޅުން. އެހެންވީމަ މި ގުޅުން އުފެދުނީމަ ހަޤީޤީ މާނައިގައި 2 ގައުމުގެ ދެމެދުގައި ގުޅުން އެންމެ ބަދަހިވެގެންދާނީ."

ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު

ސަފީރު އިތުރަށް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ ގުޅުމަށް ބަލާއިރު ތައުލީމީ ދާއިރާ ޓެކްނޮލޮޖީ ދާއިރާ ޚާއްސަކޮށް އޭއައިގެ ދާއިރާއިން ޕްރައިވެޓް ސެކްޓަރއަށް ގުޅުން ބަދަހިކުރެވިދާނެކަމަށެވެ.