ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހެދީ އެލްޖީއޭއަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭރުން ކަމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)އިން ބުނެފިއެވެ.
އެމްއެލްސީއޭ އިން މިހެން ބުނެފައި ވަނީ އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ހުރިހާ ކައުންސިލުތަކަށް ސެޕްޓެމްބަރު އެއް ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އަންގާފައިވުމާ ގުޅިގެންނެވެ.
އެލްޖީއޭއިން ކައުންސިލުތަކަށް ފޮނުވި ސިޓީގައި ވަނީ މުވައްޒަފުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައެވެ.
އެކަމަށް އިޝާރާތްކޮށް އެމްއެލްސީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ އެންގުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ މުޅިން ހިލާފަށް އަދި އެ ގާނޫނުން އެލްޖިއޭއަށް ލިބިދީފައިވާ ބާރުގެ ބޭރުން ނެރެފައިވާ އެންގުމެއް ކަމަށެވެ.
ހަމައެހެންމެ އެފަދަ އަމުރުތަކުގެ ސަބަބުން ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެއީ ބާރުތައް އަލުން މާލެއަށް މަރުކަޒުކުރުމަށް ސަރުކާރުން ހިންގަމުންދާ ސިލްސިލާ އަމަލުތަކުގެ ތެރެއިން އަނެއްކާވެސް އެޅިގެންދިޔަ ފިޔަވަޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ކައުންސިލް އެސޯސިއޭޝަނުން ވަނީ އެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމަކަށް ވާތީ އެ އެންގުން ވަގުތުން އަނބުރާ ގެންދިޔުމަށާއި، ގާނޫނުން ކައުންސިލުތަކަށް ދީފައިވާ އިދާރީ އަދި މާލީ މަސްއޫލިއްޔަތުތަކަށް ހުރަސް ނޭޅުމަށް އެލްޖީއޭއަށް ގޮވާލާފައެވެ.