ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ނިމާލް މިފަދައިން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީހުގެ ކޮންގްރެސްއާ ގުޅޭ މައުލޫމާތުތައް ގެނެސްދިނުމަށް މީޑިއާކުން ކުރިއަށްގެންދާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ނިމާލް ވިދާޅުވީ، ކުރީގެ ބައެއް ވެރިކަންތަކުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ސިޔާސަތުތައް ބޭނުން ގޮތަކަށް ދޫކޮށްލާފައި އޮތްތަން ފެންނަކަމަށާއި، ނަމަވެސް ރައީސް ޑރ. މުއިއްޒު ސިޔާސަތުތައް ތަންފީޒުކުރައްވަނީ ރައްޔިތުންގެ ތާއީދަށް ވުރެ ބޮޑަށް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ.

ރައީސް އަށް ދެވަނަ ދައުރެއް ހޯދައިދެއްވުމުގެ މަސައްކަތް ޕީއެންސީން ކުރަމުންދާއިރު އެ މަނިކުފާނަށް ދެވަނަ ދައުރެއްދޭންޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަން ފާހަގަކުރައްވައި ނިމާލް ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭނީ ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރައްވާތީކަމަށާއި، މި ސަރުކާރަށް މިވީ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ސިޔާސީ ހައްޔަރީންނެއް ނެތުމުން ކަމަށެވެ.

އެގޮތުން ނިމާލް ވަނީ ގައުމު ވެއްޓިފައި އޮތް އިގްތިސާދީ އަނދަވަޅު ސަލާމަތްކޮށްދެއްވަން ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރެއްވާފައެވެ. ނިމާލް ވިދާޅުވީ، ރައީސް މުއިއްޒުގެ ސިޔާސަތުތައް އެމަނިކުފާނު ބައްޓަންކުރައްވަނީ ހަމައެކަނި ރައްޔިތުންގެ ތާއިދު ހޯއްދެވުމަށް ނޫންކަމަށާއި، އެ ރައްޔިތުންގެ ހައްގުގައި ވާންޖެހޭ ކޮންމެ ގުރުބާނީ އެއް ވެގެންވިޔަސް އުޖާލާ މުސްތަގުބަލެއް ބިނާކޮށް ދެއްވޭތޯ ކަމަށެވެ.

"ބައެއްފަހަރު ހިތައްއަރާ ހާދަ އަންޕޮޕިއުލާ ޑިސިޝަންއެކޭ ރައީސް މުއިއްޒު އެ ނެންގެވީ، ރައްޔިތުންގެ ތާއީދު އެގޮތަށް ހޯއްދަވަން ބޭނުންފުޅުވާނަމަ މީގެ ކުރީގެ ވެރިކަންތަކުގައި އަޅުގަނޑުމެންނަށް ފެނިފައިހުރީ ސިޔާސަތުތައް ފީސަބީލިއްލާހިއަށް ދޫކޮށްލާފައި އޮތް މަންޒަރު. އެކަމަކު މިހާރު މިފެނިގެންދަނީ އެ އަންޕޮޕިއުލާ ޑިސިޝަންތަކުގެ ހެޔޮ އަސަރު ރައްޔިތުންނަށް ފަހުން ކުރާނެތީވެ އެ ޑިސިޝަންތައް މިހާރު ނަންގަވާ އެ ކަންކަމަށް ކުރިމަތިލައްވާ މަންޒަރު"

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް

ނިމާލް އިތުރަށް ވިދާޅުވީ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރުމާއެކު ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއްދާކަމަށާއި، ލަހެއް ނުވެ އޭގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެންފަށާނެކަމަށެވެ.