ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ހަދިޔާކުރަން ނިންމައިފިއެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ނުރައްކާތެރި ހާދިސާތަކެއް ނޭޕާލްގައި ހިނގާފައި ވަނީ 2026 އޮގަސްޓު 26 ގައެވެ.

އެގޮތުން މި ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.

މި އެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.