ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުގައި ސަރުކާރުގެ ވަޒީރުންނާއެކު ގަވަރުނަރު ބައިވެރިވުމަކީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައި އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވަނީ، ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރުންގެ މެދުގައި ގަވަރުނަރު އިންނަވައިގެން މަނިޓަރީ ޕޮލިސީ ކިޔާދޭނީ މިނިވަން މަނިޓަރީ ސިޔާސަތެއް ހިނގާ ކޮން ގައުމަކުންތޯ ސުވާލު އުފައްދަވާފައެވެ.
އަމީރު ވިދާޅުވީ، އެއީ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ކަމަށާއި އޭނާ އިންނަވަން ޖެހޭނީ ސެންޓްރަލް ބޭންކް ތެރޭގައި ކަމަށެވެ.
އެ ޕްރެސް ކޮންފެރެންސްގައި ރާއްޖޭގެ ސެންޓްރަލް ބޭންކް ގަވަރަނަރު އިންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް ގާތްގަނޑަކަށް 6.2 ބިލިޔަން ރުފިޔާ މި ސަރުކާރުން ޗާޕް ކޮށްފައިވާ ކަމަށެވެ.
އެ ޕްރެސް ކޮންފެރެންސްގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ މި ސަރުކާރުން މިހާރު އެހެން ސަރުކާރަކުން ނުދައްކާ ވަރަށް ޑޮލަރު ދަރަނި ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ، އެއަށް ވުރެ ގިނައިން ސަރުކާރަށް ޑޮލަރުން އާމްދަނީ ލިބިފައިވާ ކަމަށެވެ.
އެގޮތުން އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑޮލަރުން އާމްދަނީގެ ގޮތުގައި 2 އަހަރުގެ ތެރޭގައި ލިބުނީ 1.3 ބިލިއަން ޑޮލަރު ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮވިޑާ އެކު ލިބުނީ 1.2 ބިލިއަން ޑޮލަރު ކަމަށެވެ. އަދި މި ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި 3.5 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި، ދަރަނި ދައްކާފައިވެސް 2 ބިލިއަން ޑޮލަރު ބާކީއޮންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.