މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މި މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ތޯހިދުލް އިސްލާމް އާއި، އުމުރުން 37 އަހަރުގެ މޮނީރް ބެޕާރީ އާއި، އުމުރުން 46 އަހަރުގެ ޖަކިރް މުންޝި އާއި، އުމުރުން 37 އަހަރުގެ އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު އާއި، އުމުރުން 23 އަހަރުގެ އެމް.ޑީ އުސްމާން އަދި އުމުރުން 34 އަހަރުގެ މޮހައްމަދު ބަބްލޫ އަލީގރ އިތުރުން އުމުރުން 32 އަހަރުގެ އެމް.ޑީ ރައިހާން އާއި، އުމުރުން 34 އަހަރުގެ އަފްރަނުލް ހޮގް އާޝިކު އަދި އުމުރުން 30 އަހަރުގެ މުޙައްމަދު ރަކިބް ހޮސެއިން އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ޑީޕޯޓްކޮށްދިނުމަށް އެދި އެންމެން ވެސް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.