ހުޅުމާލެ ފޭސް 2 ގެ ބީޗް ބްލެވާޑް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ހެދުމާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެންވަޔަރުމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ވަނީ ބީޗް ބްލެވާޑް ސަރަހައްދުގައި ގޮނޑުދޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ އީއައިއޭ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް އެ އޮތޯރިޓީން އެކަމަށް ވަނީ ސާވޭއެއް ހުޅުވާލާފައެވެ.

އީއާރުއޭއިން ބުނި ގޮތުގައި އެ ސާވޭގެ ބޭނުމަކީ އާންމުންނާއި މަސްބާނަން އަދި މޫދަށް އެރުމަށް އެ ސަރަހައްދު ބޭނުންކުރާ މީހުން މިހާރު ގޮނޑުދޮށް ބޭނުންކުރާ ގޮތާއި އެ ސަރަހައްދުގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާއި އެޗްޑީސީން ހުށަހަޅާފައިވާ އާޓިފިޝަލް ސުވިމިން ޕްލޭނާއި މަސްބާނާ ޕްލެޓްފޯމާ މެދު ދެކޭގޮތް ދެނެގަތުމެވެ.

އެ ސާވޭގައި ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢެއްގެ މައްޗަށެވެ.

1– އާޓިފިޝަލް ސްވިމިންގ ސަރަހައްދު. މޫދަށް އެރި އުޅުމަށް ރައްކާތެރި، ގާތްގަނޑަކަށް 7,874 އަކަމީޓަރުގެ ސަރަޙައްދެއްގައި ފައްތާފައުވާ ބްރޭކްވޯޓަރ ވަށައިގެން ލުމާއި، މުނިފޫހިފިލުވުމަށް ބޭނުންކުރާނެ ފްލޯޓިންގ ޕޮންޓޫނެއް (އޮޔާނުދާ ގޮތަށް އޮންނަ ފްލެޓްފޯމެއް) ޤާއިމުކުރުން.

2– މަސްބާނާ ޕްލެޓްފޯމަކާއި އެތަނަށް ދުއިމަށް އަޅާ ކޯޒްވޭ. ގޮނޑުދޮށުން ފެށިގެން ކަނޑާ ދިމާއަށް ތަނބުޖަހައިގެން ހަދާ ކޯޒްވޭއަކުން ދެވޭގޮތަށް އާންމުން މަސްބޭނުމަށް ހަދާ ޕްލެޓްފޯމެއް.

މި މަސައްކަތްތަކުގެ ތެރޭގައި ބޮޑެތި މެޝިނަރީތައް ބޭނުންކުރުމާއި، ކޮނުމާއި ވެލި އެޅުމާއި، ތަނބުޖެހުމުގެ އިތުރުން މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި އެ ސަރަޙައްދަށް އާންމުންނަށް ވަގުތީގޮތުން ނުވަދެވޭ ގޮތަށް ބަންދުކުރުން ހިމެނޭ ކަމަށް އީއާރުއޭއިން ވަނީ ބުނެފައެވެ.