ސީފުޑް އޭޝިއާ އެކްސްޕޯގައި ބައިވެރިވި މަގްސަދު ހާސިލުވެފައިވާ ކަމަށް ދައުލަތުގެ މަސް ކުންފުނި، މިފްކޯ އިން ބުނެފި އެވެ.
މިފްކޯ އިން ވަނީ، ސިންގަޕޫރުގައި ކުރިއަށްދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ބައިވެރި ވެފަ އެވެ. އެ މައުރަޒު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 2 އިން 4 އަށެވެ.
މި މައުރަޒުގައި ސަރަހައްދީ ސީފުޑް ސަޕްލަޔަރުންނާއި، ރީޓޭލްޗެއިންތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަޕްލައިކުރާ ފަރާތްތައް ބައިވެރިވެފައިވާ ކަން ފާހަގަކޮށް މިފްކޯ އިން ބުނީ، މިއީ ސިންގަޕޫރާއި ދެކުނު އެޝިއާގެ މަހުގެ އެންމެ އިސް އުފެއްދުންތައް ގަންނަ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް ބައިވެރިންނަށް ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމަށެވެ.
އެކުންފުނިން ވަނީ، މި މައުރަޒުގައި ބައިވެރިވީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް ބަލައިގެން ކަމަށްވުމުން، އާންމުކޮށް ޒިޔާރަތްކުރާ މީހުންގެ ބަދަލުގައި ސީދާ ހިދުމަތް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާކަމަށް ވިދާޅުވެފަ އެވެ.
ދިވެހި ކަނޑުމަސް ބައިނަލްއަގްވާމީ މާކެޓަށް އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ގޮތުން، އެޝިއާ ސަރަހައްދުގެ ސީފުޑް އުފެއްދުންތައް ބާޒާރަށް ނެރެ، އިޝްތިހާރުކޮށް، ވިއްކާ ގޮތް ދެނެގަތުމަށްވެސް މި އެކްސްޕޯއަކީ މުހިންމު މަންސައަކަށް ވެގެންދިޔަކަން މިފްކޯއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މައުރަޒުގައި އެކުންފުނިން ބައިވެރިވުމަށް ނިންމި މަޤްޞަދުތައް ފުރިހަމައަށް ހާސިލްވިކަން ފާހަގަކޮށް މިފްކޮ އިން ބުނީ، ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ގަނެވިއްކާ ފަރާތްތަކަށް ދަޅު މަހާއި ޕައުޗް މާސް ސަޕްލައިކުރުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ހޯދިފައިވާ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރުތަކަކަށް ވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މިފްކޯ އިން ބުނީ، މި މައުރަޒުގެ ސަބަބުން މުހިންމު މާކެޓް ރިސަރޗް މައުލޫމާތުތަކެއްވެސް ލިބުނުކަމަށެވެ. އޭގޮތުން، ވާދަވެރި ގައުމުތަކުން ސީފުޑް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އަގުތަކާއި، ޕެކޭޖިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބި، ދިވެހި ކަނޑުމަސް ބައިނަލްއަގްވާމީގޮތުން އިޝްތިހާރުކުރުމަށް މިފްކޯއިން ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް މިކަމުން އެހީތެރިވެދޭނެކަމަށް މިފްކޯ އިން ބުނެ އެވެ.
ސީފުޑް އެކްސްޕޯ އެޝިއާއަކީ ސަރަހައްދުގެ އެންމެ މަތީ ފަންތީގެ ސީފުޑް ޓްރޭޑް މަންސަ ގޮތުގައި ކުރިއަރަމުންދާ މައުރަޒެކެވެ.