ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހިގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެވަށާ ހިނގާގޮތަށެވެ.
އެގޮތުން ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން، އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ހިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވި ކަން ފާހަގަކޮށް ފުލުހުން ބުނީ، ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވި ކަމަށެވެ.
ފުލުހުން ބުނީ، ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ކުޑަކުދިންނަށް ހާއްސަ ހަވީރެއް އަދި މިރޭ “ޕޮލިސް ފެމިލީ ނައިޓް” ވެސް ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.