ޗައިނާގެ ސީޕީސީ ކެންޓްރްލް ކޮމިޓީއާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރމަންޓް ގުޅިގެން ކުރިއަށް ގެންދާ އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ފަށައިފިއެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ޝެންޖެންގައެވެ.

ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތައް ޗައިނާގެ 3 ސިޓީއެއްގައި މިމަހުގެ 3 އިން 4 އަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ފޯރަމްގެ ތެރެއިން 2 ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ޕެނަލް ޑިސްކަޝަންގެ މަޢުޟޫއަކީ "އެކި މުޖްތަމަޢުތަކުގެ ވާހަކަތަކުން އުނގެނުން" ކަމަށް ވާއިރު، 2 ވަނަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކާފައިވަނީ ޤައުމުތަކުގެ ސިނާއީ ބަދަހިކަމާ ގުޅޭ ތަޖުރިބާތަކާއި ގުޅޭގޮތުންނެވެ.

މި ޕެނަލް ޑިސްކަޝަންގެ ފުރަތަމަ ޕެނަލްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވަނީ ވާހަކަދައްކަވާފައެވެ. ނަމްޒާ ދެއްކެވި ވާހަކައިގައި ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގެ ހަބަރުތައް ގެނެސްދޭގޮތަށް، ކުދި ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ހޯދާ ކާމިޔާބީތަކާއި، އެ ގައުމުތަކުން ރަނގަޅަށް ކުރާ ކަންތައްތަކުގެ ހަބަރުތައް ގެނެސްދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސަރަޙައްދުގެ އެކި ގައުމުތަކުގެ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ހާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުތަކުގެ މުވައްސަސާތަކާއި، އދ. ގެ އެޖެންސީތައް އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ތަމްސީލުކުރާ ފަރާތްތައް ވަނީ ވާހަކަދައްކަވާފައެވެ. ބައިނަލްއަގްވާމީ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ހާއްސަ ޔުނިވަރސިޓީތަކާއި، މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ހިމެނޭހެން 400 އަށްވުރެ ގިނަ މަންދޫބުން މިއަހަރުގެ ސަމިޓްގައި ވަނީ ބައިވެރިވެފައެވެ.

މި ސަމިޓުގައި އޭޝިއާ އަދި ފެސިފިކް ސަރަޙައްދުގެ 42 ގައުމެއްގެ 220 މީޑިއާއަކުން ބައިވެރިވެއެވެ.