ތިލަފުށީގައި ހިންގާ ޕޯޓް މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާންކޮށްފިއެވެ.

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެމްޕީއެލްގެ އިއުލާނުގައި ވަނީ ހުޅުވާލާފައެވެ.

ތިލަފުށީގައި މަލްޓި-ޕާޕަސް ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، މާލޭ ވިޔަފާވެރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމާ އެކު ގައުމީ ފެންވަރުގައި މުދާ އުފުލައި ގެންގުޅުމުގެ ގާބިލުކަން މި މަޝްރޫއުގެ ސަބަބުން އިތުރުކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޮވުމަށް ބަލާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ބޮޑެތި ޕޯޓް ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އޯނާސް އެންޖިނިއަރިން ހިދުމަތް ދިނުމުގައި މަދުވެގެން 25 އަހަރުގެ ތަޖުރިބާ ހުރުން

  • ފާއިތުވި 10 އަހަރު ތެރޭގައި މަދުވެގެން މިފަދަ ތިން މަޝްރޫއު ނިންމާފައިވުން

މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ހަމައަށެވެ.