ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ހާއްސަ ސައިޓް ވިޒިޓް ހަރަކާތްތަކެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.

ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާ މައުލޫމާތު ދިން ގޮތުގައި މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. އެގޮތުން، ރާއްޖޭގެ 164 ރަށެއްގައި (ސިޓީތައް ހިމެނޭހެން) މި ހަރަކާތް ކުރިއަށްގެންް ގޮސްފައެވެ.

މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ދަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމްޑަބްލިއުއެސްސީގެ ފެސިލިޓީތަކުގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި ޒިޔާރަތްތަކުގައި އެތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ވަނީ ފަހިކޮށްދެވިފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށް ވަނީ ގެންގޮސްފައިވެއެވެ. ތިލަމާލެ ބްރިޖް މަޝްރޫއުގެ ވިޒިޓުގައި ބައިވެރިވީ މާލެ ސަރަހައްދުގެ ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން ސެންޓަރ އަދި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރުންނެވެ. މި ވިޒިޓް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ.
މި ސައިޓް ވިޒިޓްތަކުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުން އިންޖިނިއަރިންގ ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ.