މިސަރުކާރުގެ ހަތަރު ވަޒީރެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދުކޮށްދެއްވުމަށް ބޭނުންފުޅުވި މެސެޖްތަކެއް ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު މިރޭ ކުރިޔަށްދިޔަ ޕީއެންސީގެ ޖަލްސާގައި ވިދާޅުވެދެއްވައިފިއެވެ.

ޕީއެންސީ ޖަލްސާގައި މިރޭ ކުރިޔަށްދިޔަ ޖަލްސާގައި ޝުޖާއުގެ ވާހަކަފުޅު ފެއްޓެވީ ވަޒީރުންގެ ފަރާތްޕުޅުން ރައީސް ޔާމީނަށް ދެއްވަން ބޭނުންފުޅުވާ މެސެޖުތަކެއް ހުރިކަމަށް ވިދާޅުވެއެވެ. އެގޮތުން އެންމެ ފުރަތަމަ ޝުޖާއު ވިދާޅުވެދެއްވީ މިސަރުކާރުގެ އިގްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ، ރައީސް ޔާމީނަށް ދެއްވަން ބޭނުންފުޅުވި މެސެޖެވެ. އެމެސެޖަކީ ތެޔޮ ފުޅިއެއްގެ އަގު 19 ރުފިޔާގައި ހުރިކަމުގެ މެސެޖެވެ.

ރައީސް ޔާމީނަށް ދަންނަވާށޭ ތެޔޮ ފުޅިއެއްގެ އަގު ހުރީ 19 ރުފިޔާ ބަޔަށޭ މިއަދު. ދެން އަޅުގަނޑު ދަންނަވައިފިން ސައީދު ކޮން ވާހަކައެއްހޭ ތި ވިދާޅުވީ. ވިދާޅުވެއްޖެ އެއްގޮތަކަށްވެސް ކައްކާ ތެލުގެ ވާހަކަ އެއް ނޫނޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނޭ ތަދު ވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ. މިވަގުތު ހުރީ 19 ރުފިޔާ ބަޔަށޭ. ދެން އަދި ފޯނު ބާއްވަން އުޅުނީމާ ވިދާޅުވި އަދި ދަންނަވާދެއްޗޭ އަންގާރަ ހާ ތާންގައި 18 ރުފިޔާއަށް އެ ތެޔޮ ވެއްޓޭނޭ. އަދި އެއީ ރައީސް ޔާމީނަށް ޚާއްސަކޮށްފައިވާ ތެލެކޭ.

އިބްރާހީމް ޝުޖާއު/ ބާރަށު ދާއިރާގެ މެމްބަރ

ދެން ހިއްސާކުރެއްވީ މިސަރުކާރުގެ މަސްވެރިކަމާއި ބެހޭ ވަޒީރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ މެސެޖެވެ. އެއީ މަސްވެރިންނަށް ދޭންޖެހޭ ލާރި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެއްކޮށް ދައްކާ ނިންމިކަމުގެ މެސެޖާއި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކާކަމުގެ މެސެޖެވެ.

ވިދާޅުވީ ރައީސް ޔާމީނަށް ދަންނަވާލަދޭށޭ މެސެޖެއް. ޝިޔާމް ވިދާޅުވީ މިވެރިކަން އައުމާ އެކީގައި އެމަނިކުފާނު ވަޒީރު ކަމާ ހަވާލުވީމާ ރައީސް ޔާމީން ވިދާޅުވިއޭ ފުނޑިފައި އޮތް އިންޑަސްޓްރީ އެކޭ. ރައީސް މުއިއްޒަކަށް ތިއިންޑަސްޓްރީ ނަގާ ކޮޅަކަށް ނުޖެހޭނޭ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ދަންނަވާށޭ އެމްޑީޕީ ސަރުކާރު ނިމުނުއިރު ނުދައްކާ އޮތް ހުރިހާ ފައިސާއެއް ރައީސް މުއިއްޒު ދައްކައިފިއްޔޭ. އަދި ވިދާޅުވީ މިހާރު ސީވީޑް އެބަ އެކްސްޕޯޓްކުރަމޭ. ޑޮލަރުންނޭ ލިބެނީ އާމްދަނީ. ދެން ވިދާޅުވީ ގަނެވޭވަރަށް ލާރި ދެވޭވަރަށޭ މަސްގަންނަން ރައީސް މުއިއްޒު ފެއްޓެވީ ނިންމާލަމުން ވިދަޅުވީ ދަންނަވަންޗޭ މިހާރު 20 ރުފިޔާއަށޭ މަސް ގަންނަނީ 48ގަޑއިިެރު ތެރޭ ބަރާބަރަށް އެބަ ލާރިދެމޭ.

އިބްރާހީމް ޝުޖާއު/ ބާރަށު ދާއިރާގެ މެމްބަރ

މިސަރުކާރުގެ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ރައީސް ޔާމީނަށް ރައްދުކުރައްވަން ބޭނުންފުޅުވި އެއް މެސެޖަކީ ވައިޓް ބޮޑީ ގެނައުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވައިޓް ބޮޑީ ދެވަނަ ފްލައިޓް އެބަ ގެންނަމޭ. ޓާގެޓަށް މާތްﷲގެ ރަހުމަތުން ޓުއަރިޒަމް އެރައިވަލް ރީޗްވާނޭ ދަންނަވައްޗޭ. ޕެސިފިކަށް ދަތުރުކުރަން ފަށައިފީމޭ. ނުވެ އޮތްކަމެއްވީމަ ހަމަ އެވާހަކަ ބުނެލީއޭ.

އިބްރާހީމް ޝުޖާއު/ ބާރަށު ދާއިރާގެ މެމްބަރ

ހަތަރު ވަނަ މިނިސްޓަރެއްގެ މެސެޖުގެ ގޮތުގައި ޝުޖާއު ހިއްސާކުރެއްވީ މިސަރުކާރުގެ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންގެ މެސެޖެވެ. ޝުޖާއު ވިދާޅުވީ އިހުސާން ގުޅުއްވާފައި ވިދާޅުވީ މިސަރުކާރުން މަރަށް މަރު ހިފަން ތައްޔާރުވާކަމުގެ މެސެޖު ރައްދުކޮށްދިނުމަށް ވިދާޅުވިކަމަށެވެ.

ވިދާޅުވީ މަރަށް މަރު ހިފަންށޭ މިތައްޔާރުވަނީ ރައީސް ޔާމީނަށް ދަންނަވާށޭ ފިނޑިކަމުން ކުރަން ނުކުރެނު ކަމެކޭ ރައީސް މުއިއްޒު ސަރުކާރުން ތައްޔާރޭ މިވަނީ . އަޅުގަނޑު ދެންނެވިން ސާބަހޭ މިނިސްޓަރޭ ރައީސް މުއިއްޒަށް ގަނޫނެއް މަޖިލީހަށް ނުފޮނުވޭނީ މަޖިލިސް ބަރާބަރަށް އޮޕަރޭޓްވާނޭ. އަދި އެއް ވާހަކަ ދަންނަވައްޗޭ.ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތަކުގައި މަރަމުންދިޔަ ޒުވާނުން މިހާރު ނުމަރާނޭ. މަސްތުވާތަކެތީގެ ހުރިހާ ދޮރެއް ބަންދުކުރާނަމޭ ރައީސް ޔާމީނަށްވެސް ދެން ހުރި އެއްވެސް ވެރިއަކަށްވެސް ދިވެހި ރާއްޖޭގެ މައި ޕޯޓުގައި ގާއިމުނުކުރެވުނު ސްކޭނަރ ރައީސް މުއިއްޒު އެބަ ދެ މަހެއްހާ ދުވަސްތެރޭގައި ގާއިމުކޮށްދީ އެބަ ނިންމައޭ.

އިބްރާހީމް ޝުޖާއު/ ބާރަށު ދާއިރާގެ މެމްބަރ

ހަތަރު ވަޒީރެއްގެ މެސެޖުތައް ރައްދުކުރެއްވުމަށްފަހު ޝުޖާއުގެ ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ ތާއިދު ކުރެއްވީ ޔާމީންގެ މޫނަކަށް ނޫން ކަމަށާއި ގަބޫލުކުރާ ހަމައާއި، އިންސާފަށް އަދި އެ އުސޫލުތަކުގެ މައްޗަށް ކަމަށެވެ. މިއަދުވެސް ގަބޫލުކުރަނީ އެ އުސޫލުކަމަށާއި، އެ އުސޫލު އެ ޕާޓީން ނެއްޓޭ ވަގުތު އޭނާ އެ ޕާޓީގައި ނުހުންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ޕީއެންސީއަކީ އިހުލާސްތެރިކަމާއެކު ރައްޔިތުން އިސްކޮށްގެން ކުރިޔަށްދާ ޕާޓީއެއްކަމަށެވެ.