ވިޒިޓް މޯލްޑިވްސް އަދި އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓުން ޙަލާލު ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ ޙަލާލް ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވީއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު، އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓުގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ، ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯގެ ތެރޭގައި ޙަލާލު ފަތުރުވެރިކަމަކީ ވަކި ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ޙަލާލު ފަތުރުވެރިކަމުގެ ތަޖުރިބާތައް އަދި އުފެއްދުންތައް ތަރައްޤީކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރާއްޖެއަކީ ފެންވަރު ރަނގަޅު ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޤައުމެއް ކަމަށާއި މި މަޤާމުގެ ބޭނުން ހިފައިގެން، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ ބައިނަލްއަޤްވާމީ މާކެޓަށް ޚާއްޞަކޮށްގެން ފެންވަރު ރަނގަޅު ޙަލާލު ފަތުރުވެރިކަމުގެ ތަޖުރިބާތަކެއް ތަރައްޤީ ކުރުމުގެ ބޮޑު ފުރުޞަތެއް އެބައޮތް ކަމަށް ދެކޭ ކަމަށް ޔާސިރު ވިދާޅުވިއެވެ. މިގޮތުން އަމާޒަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފެންވަރާއި ޤަދަރު ދައްކުވައިދޭނެ މިންގަނޑުތަކަކަށް މި ދާއިރާ ތަރައްޤީ ކުރުމަށްޓަކައި މި ދާއިރާގެ ޙިއްޞާދާރުންނާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ޔާސިރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޝައިޚް ޚަލާވީ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޙަލާލު ފަތުރުވެރިކަމަށް ޚާއްޞަ ބޮޑެތި ޙަރަކާތްތައް އިންތިޒާމުކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މިގޮތުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި، ދާއިރާގެ އެއްބާރުލުމާއި، ތަޖުރިބާ ބަދަލުކުރުމުގެ ތެރެއިން ރާއްޖޭގައި މި ދާއިރާ ތަރައްޤީ ކުރުމަށް އެހީތެރިވެވިދާނެ ގޮތްތަކާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މަތީ ފެންވަރުގެ ޙަލާލު ފަތުރުވެރިކަމުގެ ޙަރަކާތްތައް ތަޢާރަފުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވީއެމްސީން ބުނީ މި ދާއިރާއިން ލިބެންހުރި ފުރުޞަތުތައް ދެނެގަތުމުގެ އިބުތިދާއީ މަސައްކަތްތައް ވީއެމްސީން މިހާރު ފަށާފައިވާއިރު، މީގެ ތެރޭގައި ޙަލާލު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ތަޖުރިބާތައް ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ރިޒޯޓުތަކާއި ހޮޓާތައް ދެނެގަތުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ވާދަވެރި ޙަލާލު ފަތުރުވެރިކަމުގެ ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް އެހީތެރިވެދޭނެ ކަމާގުޅޭ ސެޓްފިކޭޝަން މަރުޙަލާތަކާއި، ޚާއްޞަ ޚިދުމަތްތަކުގެ މިންގަނޑުތަކާއި، ވަސީލަތްތައް ދެނެގަތުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ވީއެމްސީން ބުނެއެވެ. އަދި މުސްލިމު ފަތުރުވެރިންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ މަތީ ފެންވަރުގެ ދަތުރުފަތުރުގެ ތަޖުރިބާތަކަށް އޮތް ޑިމާންޑު އިތުރުވަމުންދާތީ، ޙަލާލު ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް ވީއެމްސީން ބުނެއެވެ.

ވީއެމްސީން ބުނީ މި ދާއިރާ ތަރައްޤީ ކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯ އިތުރަށް ސިންދަފާތު ވެގެންދާނެ ކަމެއް ކަމަށާއި މިއީ ކަމާގުޅޭ ބައިނަލްއަޤްވާމީ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ވަރުގަދަކޮށްދޭނެކަމެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރޭގައި ޙަލާލު ފަތުރުވެރިކަމަކީ ވަކި ޚާއްޞަ އަދި ވާދަވެރި ދާއިރާއެއްގެ ގޮތުގައި ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އިތުރު ގުޅުންތައް ބަދަހިކުރުމާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައްވެސް އެ ކޯޕަރޭޝަނުން ހޯދަމުން ގެންދާނެ ކަމަށް ވީއެމްސީން ބުނެއެވެ.

އަދި ޙަލާލު މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްތަކާއި ތަޖުރިބާތައް ތަރައްޤީކުރުމަށް އެންމެ އެކަށޭނަ ގޮތްތައް ދެނެގަތުމަށާއި، ކަމާގުޅޭ ސެޓްފިކޭޝަން ޝަރުޠުތަކާއި ބައިނަލްއަޤްވާމީ ޚިދުމަތުގެ މިންގަނޑުތައް ދިރާސާ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޙިއްޞާދާރުންނާއެކު ކުރިއަށްދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.