ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކްލަބް ކެރިއަރުގައި ޖެހި 300 ވަނަ ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކޮވަންޓްރީ ސިޓީގެ މައްޗަށް ކުރިހޯދައިފި އެވެ.

ސިޓީގެ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ.

މި މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޖަހައިދިނީ އާލިން ހާލަންޑެވެ. މިއީ އަންޓުއާން ސެމެންޔޯ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ހާލަންޑް ބޮލުން ޖެހި ލަނޑެކެވެ.

މި ލަނޑާއެކު ހާލަންޑް ކްލަބް ކެރިއަރުގައި 300 ލަނޑު ހަމަކުރި އިރު، މިއީ އޭނާ ސިޓީއަށް ކުޅެދިން 202 މެޗުން ޖަހައިދިން 165 ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ސިޓީ މިވަގުތު އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގަ އެވެ.

ރޭގެ އިތުރު މެޗުތަކަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑާއި ބޯންމަތު ވާދަކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ކްރިސްޓަލް ޕެލަސްއިން 3-2 އިން ފުލަމް ބަލިކުރި އިރު، ޓޮޓްނަމް ހޮޓްސްޕާ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގައި މިރޭވެސް ވަރުގަދަ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރާއްޖެ ގަޑިން 18:00 ގައި މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ކުޅޭއިރު، 20:30 ގައި ޗެލްސީ ނުކުންނާނީ ޗެމްޕިއަން އާސެނަލާ ދެކޮޅަށެވެ.