ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.
ހައިކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފަނޑިޔާރު މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޖޭއެސްސީންވެސް ވަނީ ފަނޑިޔާރު މާހިރު، ފަނޑިޔާރު ކަމުގައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
އަލްއުސްތާޛް އިބްރާހިމް މާހިރު ޝަރުޢީ ދާއިރާގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ފެމިލީ ކޯޓުގައެވެ. އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ފަނޑިޔާރު މާހިރު ވަނި ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.