ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތަކަށް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން އެ އޮތޯރިޓީއަށް ސަރުކާރުން ދާއިމީ ބިމެއް ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެންޑީއެމްއޭއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައި ވަނީ 13,574 އަކަފޫޓުގެ ބިމެއް ކަމަށެވެ.
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާޞިލް ކުރުމަށް ސަރުކާރުން ހަމަޖައްސައިދިން މި ބިމުގައި، އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަވެ.
އެންޑީއެމްއޭ އިން ބުނީ މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެ އޮތޯރިޓީގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ގުދުރަތީގޮތުން ހިންގާ އެކި ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށާއި އެފަދަ ކާރިސީ ޙާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގުމުގެ މައި އިދާރާއަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެވެ. އެހެންނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އުފެދުނު އެއޮތޯރިޓީ މިއަދާ ހަމައަށްވެސް ހިންގަމުންދަނީ ގިނަ ދަތިތަކާއެކު އަމީނީ މަގުގައި ހުންނަ ރިހިޖެހި ކޮށީގައި ހުންނަ ޢިމާރާތެއްގައެވެ.
2022 ވަނަ އަހަރުވެސް ސަރުކާރުންވަނީ އެއޮތޯރިޓީ ހިންގުމަށް ދާއިމީ ބިމެއް ދިނުމަށް ނިންމާފައެވެ. އޭރު އޮތޯރިޓިއަށް ދިނުމަށް ނިންމާފައިވަނީ، ކޯވިޑް ވިލެޖް ހިންގި، ހުޅުމާލޭ ޓްރިޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮތް ބިމެވެ. 39000 އަކަފޫޓުގެ އެބިން އެފަހަރު އޮތޯރިޓީގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައިނުވެއެވެ.