ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުން އަހުމަދު ޝަހީރު ވަކިކޮށްފިއެވެ.

ޝަހީރު އެ މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ޕީސީބީން ބުނީ ޝަހީރު ވަކިކުރީ އެހެން ކުންފުންޏަކަށް ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި ތިން ވަނަ މީހާ އެވެ. މިދިޔަ އަހަރުގެ މެއި 29، ގައި އެޗްޑީސީގެ ޗެއަރމަނަކަށް އައްޔަންކުރި ޝަހީރު ވަކިކޮށްފައި މިވަނީ ޗެއާމަނަކަށް ހުންނަވާތާ އަހަރަކާއި ހަތަރު މަސް ފަހުންނެވެ.

އެޗްޑީސީއަށް އައްޔަނުކުރުމުގެ ކުރިން ޝަހީރު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށެވެ. އޭގެ ކުރިން ޝަހީރު ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 29 އަހަރު ހޭދަކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވާފައެވެ.