ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ލިބޭ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
އާ ގާނޫނުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓޭނެ ގޮތްތަކެއް ހިމެނެއެވެ.
އެގޮތުން ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކުރުމާއި ގާނޫނުގައި ބަޔާންކުރާ ޝަރުތު އެ ފަރާތުގެ ކިބައިން އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވުން ހިމެނެއެވެ.
އަދި އެ ގާނޫނުގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000ރ. ނުވަތަ އެއަށް ވުރެ ބޮޑުވުމުން ލައިސަންސް ބާތިލް ކުރެވޭނެއެވެ.
އެ ގާނޫނުގައިވާ ގޮތުން ލައިސަންސް ހިފެހެއްޓޭނީ އެފަދަ ހާލަތެއް އޮތްކަމަށް ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ލައިސަންސް ހިފެހެއްޓުމަށް ޝަރުއީ ކޯޓަކުން އަމުރުކުރުމުންނެވެ.
ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، އެ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް، އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް، މިހާރު ވެސް ދޭ ގޮތަށް ދޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ރަސްމީ ބަންދު ދުވަސްތަކުގައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ނަމަ އެ 48 ގަޑިއިރުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލަ އެވެ.
މީގެ އިތުރުން އާ ގާނޫނުގައިވާ ގޮތުން، ލައިސަންސް އޮވެގެން ދުއްވަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުހޯދައި ދުއްވުމަކީ ނުވަތަ ލައިސަންސްގެ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމަކީ ނުވަތަ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ލައިސަންސެއް ނެތި ދުއްވުމަކީ މަނާކަމެކެވެ.
ލައިސަންސް ނެތި ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށްނަމަ 1,000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރަށްނަމަ 1,500ރ. ރުފިޔާއިން ޖޫރިމަނާކުރަން ހަމަހެޖެހިފައި ވާއިރު، ތިންވަނަ ފަހަރަށްނަމަ 2,000ރ.ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. މީގެ އިތުރުން އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ އިތުރުވާ ގޮތުގެމަތިން ޖޫރިމަނާކުރާނެއެވެ.