ބްރޯޑްކާސްޓަރުން ފޯނު ކޯލެއް ލައިވް ކުރާނަމަ އެކަން ގުޅާ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުން) ގައި، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުޢާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށާއި، މި ޙައްޤުތަކަށް އެންމެހައި ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ބަޔާންކޮށް، ކޮންމެ ފަރުދެއްގެވެސް އެފަދަ ޙައްޤުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި، ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކުގެ ޤާނޫނީ އޮނިގަނޑު ވަރަށް ތަފްޞީލުކޮށް ކަނޑައަޅާފައިވާ ކަމަށް އެ ކޮމިޝަންއިން ބުނެފައިވެއެވެ. އަދި ޚާއްޞަގޮތެއްގައި، އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ބާރުއަޅާފައިވާ ކަން ކޮމިޝަންއިން ވަނީ ފާހަގަކޮށްފައެވެ.

އަދި މީގެ އިތުރުން، އާންމު މަޞްލަޙަތުގައި މަޢުލޫމާތު ހޯދުމާއި، ހޯދި މަޤްޞަދަށް އެކަނި ބޭނުންކުރުމާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި، ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުން އެ އޮނިގަނޑުގެ ތެރެއިން ބަޔާންކުރާކަން އެ ކޮމިޝަން އިން ފާހަގަކުރެއްވިއެވެ.

މީޑިއާ ކޮމިޝަންއިން ބުނެފައިވަނީ ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، ޢަމަލުކުރަންޖެހޭ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކުގައި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންގތައް އަދި މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، ފޯނު މުޢާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން (ލައިވްކުރަން) ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް އެ ކޮމިޝަންއިން ވަނީ ބުނެފައެވެ. އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވާނެކަން އެ ކޮމިޝަން އިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންގތަކާއި މަޢުލޫމާތުތަކާ މެދު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި މިފަދަ ތަކެތި ބޭނުންކުރަންވާނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ކޮމިޝަންއިން ވަނީ ބުނެފައެވެ.

އެ ކޮމިޝަންއިން ވަނީ ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި އަދި ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.