އެކްސިޑެންޓު ޕްރޯން އޭރިއަތައް އަންގައިދޭ ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ހަނީފް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވަކި ސަރަހައްދުތަކެއްގައި އެކްސިޑެންޓުތައް ހިނގާތީ އެކަމަށް އާންމުން ހޭލުންތެރި ކުރުވުމާ ގުޅޭ ގޮތުން ވާހަކަދައްމުން ހަނީފް ވިދާޅުވީ، "މަގުގެ ވާކަހަ" ނަމުގައި ފުލުހުންނާއި، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމު ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިޑިއޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނެ ކަމަށްވެސް ހަނީފް ވިދާޅުވި އެވެ.

ފެންނަ ގޮތަށް މަގުތަކުގައި، އާންމުން ހޭލުންތެރި ކުރުވަން ނުވަތަ އެއީ އެކްސިޑެންޓު ޕްރޯން އޭރިއާއެއްކަން އަންގައިދޭ ޕޯސްޓަރުތައް ބެހެއްޓިފައި ނުވާ ކަން ފާހަގަކޮށް ހަނީފް ވިދާޅުވީ، އެކްސިޑެންޓު ޕްރޯން އޭރިއަތައް އަންގައިދޭ ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް އެޗްޑިސީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

އޭރަށް ކުރިއަށް އޮތަތަނުގައި އެ ސަމާލުކަން ނުދޭ ފަރާތްތަކުން މިހާރަށް ވުރެއް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް އަޅުގަނޑުމެން މި ވިސަނަނީ. މީގަ ވިސްނަން ޖެހޭ ކަމަކީ އަޅުގަނޑުމެން އެނެމްގެ ފަރުދީ ޒިންމާ އެބަ އޮތް. ހަގީގަތަކީ ކޮންމެ ދިމަލެއްގައި އަދި ފުލުހަކު ނެތް ކަމުގައި ވިޔަސް ތިމާ، ގަވައިދާ ހިލާފުވާން ހުޅުވާލެވޭ ފުރުސަތެއް ނޫނޭ، އެތާނުގައި ލޯ އެންފޮސް ކުރާ މީހުން ނެތުމަކީ"

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ހަނީފް

ހަނީފް ވަނީ ލޭނު ބަދަލުކުރަން ޖެހޭ ވަގުތު ބަދަލު ނުކޮށް، ކުއްލިއަކަށް ލޭނު ބަދަލުކުރުމާއި، ގޯޅިއަޅާ އިރު ނުބަލައި ނުބާ ލޭނެއްގައި އޮވެ ގޯޅި އެޅުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް ހާއްސަކޮށް ހުޅުމާލެއިން ފާހަގަވާކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ވަރަށް ޒިންމަދާރުކަން ކުޑަ އަމަލުތަކެއް ކަމަށް ހަނީފް ވިދާޅުވި އެވެ.

މީގެ އިތުރުން، އޯވަޓޭކް ކުރާ އިރު ވިސްނާ ނުލައި، އޯވާ ޓޭކް ކުރުމުގެ ނަތީޖާއަކީ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބެއް ކަމަށްވެސް ހަނީފް ވިދާޅުވި އެވެ.

ހަނީފް މިފަދައިން ވިދާޅުވެފައިވާ އިރު، ފުލުހުން ވަނީ އެކްސިޑެންޓުތައް ގިނައިން ހިނގާ 8 ތަނެއް ފާހަގަކޮށްފަ އެވެ. އެގޮތުން މިއަހަރު އެ ތަންތަނުގައި ހިނގާފައިވާ އެކްސިޑެންޓުތަކަށް ބަލާލާއިރު، އިހުސާން ފިހާރަ ކައިރިން 15 އެކްސިޑެންޓު، ހިޔާ ފްލެޓް 8 ކައިރިން ހެނދުނު 13 އެކްސިޑެންޓު، ވިނަރެސް 1 ރައުންޑްއެބައުޓް ކައިރިން 25 އެކްސިޑެންޓު، ސަހަރާ ރައުންޑްއެބައުޓް ކައިރިން 19 އެކްސިޑެންޓު، އެސްޓާސް ރައުންޑްއެބައުޓް ކައިރިން 26 އެކްސިޑެންޓު، އެމްޑަބްލިއު އެސްސި ކައިރިން 32 އެކްސިޑެންޓު، ރުއްގަނޑު1 ރައުންޑްއެބައުޓް ކައިރިން 09 އެކްސިޑެންޓު، އަދި ޕީކް އަ ބޫ ކައިރިން 10 އެކްސިޑެންޓު ހިމެނެ އެވެ.

ފުލުހުން ވަނީ އެކްސިޑެންޓުތައް ގިނައިން ހިނގާ ގަޑިތައްވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް އެކްސިޑެންޓުތައް ހިނގަނީ 15:00 އާއި 18:00 އާއި ދެމެދުކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.