ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް އިސްރާއީލުގެ މިނިސްޓަރުން ދާދިފަހުން ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުން ގަދަކަމުން ނެރެލުމަށް ރާވައި، އެކަމަށް މަގުފަހިކުރާނެ ނިޒާމުތަކެއް ގާއިމުކުރުމަށް އިސްރާއީލުގެ މިނިސްޓަރުން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ.
މިފަދަ ވާހަކަތަކުގެ ސަބަބުން، މެދުއިރުމަތީގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ނުރައްކާވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ދިވެހި ސަރުކާރުން ބުނީ އެއްވެސް ބަހަނާއެއް ދައްކައިގެން، ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ އެތެރެއަށް ނުވަތަ އެ ބިންތަކުން ބޭރަށް ވިޔަސް، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބަދަލުކުރުމަށް ކުރާ ކޮންމެ މަސައްކަތަކާ ރާއްޖެއިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށެވެ. އަދި ޣައްޒާއަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ ވަކިނުކުރެވޭނެ މުހިންމު ބައެއް ކަމަށާއި އަމިއްލަ ބިމުގައި ދެމިތިބުމާއި، އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ، ނިގުޅައިނުގަނެވޭނެ ހައްގެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީކުރުވުމުގެ އިތުރުން، ފަލަސްތީނު މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. މިގޮތުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.