އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އާސަންދަ މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އެ ނިޒާމުގެ ދަށުން އެއްވެސް ތަފާތެއް ނެތި ޚިދުމަތް ލިބޭކަމަށެވެ.

ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ކަމާއި ގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

60،000 ރުފިޔާއަށް ވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތައް ކޯޕޭ ނޫނީ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަން ކުރުމަށް ސަލާމަތްކުރެވޭނެ.

ރައީސް ޑރ. މުޢިއްޒު

މުއްސަނދިންނަށް އެހެން އާއްމުންނާއި އެއްފަދައިން އާސަންދަ ނިޒާމުގެ ތެރެއިން ހުރިހާ ފަރުވާއެއް ލިބުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށާއި، އަންނަ މަހުން ފެށިގެން އެކަމަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަދަލު ގެނެސްފިނަމަ މި އަހަރުވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށާއި އެ ބަދަލުގެ ސަބަބުން ޚަރަދަށް ބޮޑު ބަދަލެއް އަންނާނީ އަންނަ އަހަރުކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތާނގައި އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކުގެ އިތުރު ތަފްސީލުތަކާއި އެކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.