10 ރިސޯޓް ގާއިމުކުރުމަށް ފަޅުތަކާއި ރަށްތައް ކަނޑައަޅާ ނިމި، ނޮވެމްބަރު މަހުގެ ތެރޭގައި ބައެއް މަޝްރޫޢުތައް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓުއަރިޒަމް ސެކްޓާ އަކީ ވަކި ބައެއްގެ އަތްމަތީގައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ޓުއަރިޒަމް ސެކްޓާއިން މުއްސަނދިވާން ޖެހޭނީ ވެސް ވަކި ބައެއް ނޫން ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން މަސަކަތް ކުރަނީ ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކީ، އެންމެންނަށް އާމްދަނީ ލިބޭނެ 10 ރިސޯޓެއް ތަރައްގީކޮށް އެ ރިސޯޓުތަކުގެ ޝެއާ ހޯލްޑަރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ކަނޑައަޅުއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް 36 މަސް ދުވަހުގެ ތެރޭގައި އެ 10 ރިސޯޓުތައް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.