ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި ފެށައިފިއެވެ.

މި މަހުގެ 07 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީއެވެ.

ހެލްތު މިނިސްޓްރީން ކުރި އިލާނެއްގައި ބުނީ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ އެ ސަރަޙައްދުގެ 10 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަހައްދުގެ ސިއްހަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، ސިއްހީ ހިދުމަތްތެރިންގެ ގާބިލުކަން އިތުރުކުރުމާއި ހާއްސަ ފަރުވާތަކުގެ ހިދުމަތްތައް ހަމަހަމަކަމާއެކު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ހާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 08 ސެޕްޓެންބަރު 2026 ގައި ކުރިއަށްދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއަރ" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ސަރަޙައްދަށް ހާއްސަ ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ގައުމުތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ޔުނިވަރސަލް ހެލްތު ކަވަރޭޖް، ސިއްހަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްގީއާ ގުޅޭ ލަނޑުދަނޑިތަކާއި، ޓީ.ބީ، މެޑިކަލް ޑިވައިސްއާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސްއާ، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެ ކަމަށް ވެސް އެ މިނސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ގައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ސްޕެޝަލް ސެޝަންގެ ތެރޭގައި ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ދިވެހިރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު މިނިްސްޓްރީން ބުނެއެވެ.

މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.