ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި، މި ފަހަރު އެ މަނިކުފާނު ތާއީދުކުރައްވާނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެސްއެސްޓީވީން ރޭ ކުރިއަށްގެންދިޔަ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބާރު ހަތަރެއް ޕްރޮގްރާމްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާއި ހަމަައަށް ދާއިރު ވޯޓު ކަރުދާހުގައި އޮންނާނީ ރައީސް ނަޝީދުގެ ނަން ކަމުގައި ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށާއި އެހެންވުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިފަހަރު ހުންނެވީ ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވައިގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ވާހަކަ ދިގުކޮށްވެސް އަދި ކުރުކޮށްވެސް ދެއްކިދާނެ ކަމަށާއި ނަަމަވެސް މިފަހަރު މިހުރީ ފައްޔާޒް އަށް ތާއީދުކުރައްވައިގެން ކަމަށާއި ހަމައެއާއެކު އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ރާއްޖޭގައި މަދު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރިމަތިލައްވަންވީ ސަބަބެއް ނުވިިސްނޭ ކަމަށާއި ކޮންމެ ބޭފުޅަކު ކުރިމަތި ލިޔަސް އެ މަނިކުފާނު ހުންނަވާނީ ހުންނަ ގޮތެއްގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހްގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތް ނަމަވެސް އެމަނިކުފާނު ކުރިމަތިނުލައްވާނެ ކަމަށާއި ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
މިވަގުތު އެމްޑީޕީން ވިސްނަންވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށާއި ވަރަށް ބައިވަރު ކަންބޮޑުވުންތައް އެބަހުރި ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީނު އެ ވިދާޅުވަނީ ރަނގަޅަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ސަރުކާރާއި ދުރުވާނެ ކަމަށާއި އެއީ އެމްޑީޕީއަށްވެސް ފާހަގަވާ ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. ތަކެތީގެ އަގު އުފުލިގެން ދަނީ އިންތިހާއަށް ކަމަށާއި ޑޮލަރު ރޭޓު އުފުލުން ނުހުއްޓުވޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި ސިފައިން ނެރެގެން ޑޮލަރު ރޭޓު ނުހުއްޓުވޭނެ ކަމަށާއި އެއީ ވާނެ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޑޮލަރު ރޭޓު އަރައިގެން ދިއުމާއި ގުޅިގެން ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އެކަމުގައި އަމަލުކުރަންވީގޮތް އެމަނިކުފާނަށް ވަަރަށް ރަނގަޅަށް ސާފުވާ ކަމަށްވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ސިފައިންނާއި ފުލުހުން ނެރެގެން ވިޔަފާރިވެރިންނާ ދިމާކޮށްގެން ޑޮލަރު ރޭޓު ތިރިނުކުރެވޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސަރުކާރުގެ "ބަސްމަގު" ހުންނަނީ ވިޔަފާރި ވެރިންނާއި ވަރަށް ބޮޑަށް ޖަދަލުކޮށް ދިމާކުރާގޮތަށް ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. އަދި ސަރުކާރުން ހަލާލު ވިޔަފާރިވެރިކުރާ ފަރާތްތައް ސިފަ ކުރަނީ "ނާޖާއިޒު" ބާރުތަކެއް ނަގައިގެން ކަންތައްތަކެއް ކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.