300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ ޤައުމީ މަހާސިންތާއެއް 13 ސެޕްޓެމްބަރު ގައި އޮންނާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި ފެށިގެންދާނެ މި މަހާސިންތާއަކީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، އަންނަ ޖީލުގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރަން ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަަޠީބުން ތަމްރީނުވެފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ 5 ބުރު މިހާރު ނިމިފައިވާއިރު 781 ޒުވާން ޚަޠީބުން ތަމްރީން ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.