މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްމަގާމުތަކާއި މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އިސްދާނަ – ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމް" ފަށައިފިއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 8 ސެޕްޓެމްބަރު 2026 ދުވަހުއެވެ. އޭސީސީން މިއަދު ބުނީ ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ޖުމްލަ 22 ގަޑިއިރުގެ 11 ސެޝަންގެ މައްޗަށް އެކުލެވޭ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި މެނޭޖީރިއަލް ގާބިލުކަން އިތުރުކުރުމަށް ކަމަށް އޭސީސީން ބުނެއެވެ.
މިގޮތުން މުވައްޒަފުން މެނޭޖުކުރުމާއި، މަސައްކަތްތަކުގެ ނިޒާމުތައް (ޕްރޮސެސް) ހިންގުން އަދި މަސައްކަތުގެ ނަތީޖާ (ޕާފޯމަންސް) ހާސިލުކުރުމުގެ މައްޗަށް ބިނާކޮށް، ހިންގުމުގެ ދާއިރާގެ މުހިންމު ތިން ބަޔަކަށް އިސްކަންދޭނެ ކަމަށްވެސް އޭސީސީން ބުނެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ މެންބަރު އަޙްމަދު ނާޝިދު ދެއްކެވި ވާހަކަފުޅުގައި، ލީޑަރޝިޕްގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު އުނގެނުމުގެ މުހިންމުކަމާއި، އުނގެނޭ ކަންކަން މަސައްކަތުގެ މައިދާނުގައި ޢަމަލީގޮތުން ތަންފީޛުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އަދި މި ރަސްމިއްޔާތުގައި އެމްނާކާ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޠައްޔިބު ދެއްކެވި ވާހަކަފުޅުގައި، ސެލްފް ރިފްލެކްޝަންގެ މުހިންމުކަމާއި، މަސައްކަތުގެ ޒިންމާ އަމިއްލައަށް އުފުލުމުގެ އިތުރުން ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ތަމްރީނު ސިލްސިލާގެ ސަބަބުން ކޮމިޝަނުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި މެނޭޖްމަންޓްގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭސީސީން އުންމީދުކުރެއެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދާނީ މެނޭޖްމަންޓް ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ ފެސިލިޓޭޓަރުން ކަމަށް އޭސީސީން ބުނެއެވެ.