މިދިޔަ ހަފްތާގައި ހިމަބިހި ޖެހިގެން 12 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކުރި އަދާހަމައިގައިވާ ގޮތުން، މިދިޔަ ހަފްތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި 12 ކޭސް ހިމެނޭހެން، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 264 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން މިހާތަނަށް 16،320 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.
މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން އެ ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.