ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން މަލްޓި ސްޓޯރީ 2 ޕާކިން ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސޯސަން މަގުގައި ހުރި ޕާކިން ޒޯނާއި، ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި ކުރީގައި ޕާކިން އޮންނަ އެ އުސޫލުގެ ތެރެއިން 5 އޮޕްޝަންއަކަށް އިތުރަށް ޕާކުކުރުމުގެ ސިޔާސަތުވެސް ފުޅާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" އޭގެތެރޭގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށް. އަދި އޭގޭ އިތުރަށް މާލެއިން ހީނާމާގެ ބިމުގައި ޒަމާނީ ޕާކިން ވަސީލަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ބަޔަކު އައިޑެންޓިފައި ކުރެވިފަ އެފަރާތާއެކު ވާހަކަދެކެވެމުން މިދަނީ. އިރާދުކުރެއްވިއްޔާ ކުރިއަށް މިއޮތް ހަފްތާތެރޭގަ އަޅުގަނޑޫމެންނަށް އެއްބަސް ވުމަކަށް އާދެވި، މަސައްކަތާ ދިމާލަށް އެނބުރެވޭނެ ކަމަށް މި އުންމީދު ކުރަނީ"

ވަޒީރު މުޙައްމަދު ސަޢީދު

މާލެ ސަރަހައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.