ބުރާސްފަތި ދުވަހު ބާއްވާ އިންޖިނިއަރިންނަށް އެވޯޑު ދިނުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އިންޖިނިއަރިން ދާއިރާއިން އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރާފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއްގައި ޝާއިއުކުރި ހަބަރެއްގައި އިންޖިނިއަރިން އެވޯޑު ދިނުމުގެ ހަފުލާގައި ވަޒީރު ޑރ.މުއްތަލިބު މެދުވެރިކޮށް ރައީސަށް އެވޯޑެއް އަރުވަން އުޅޭކަމަށް ބުނެފައިވެއެވެ. އަދި އެ ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒަށް މި އެވޯޑު އެރުވުމަށް ހަމަޖެހިފައިވަނީ އިންޖިނިއަރިން ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.

މި ކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެއްވެސް ހަގީގަތެއް ނެތް ހަބަރު ލިޔެފައި އެވަނީ ރައީސް ޑރ. މުޢިއްޒަކީ އިންޖިންނިއަރިންގ ދާއިރާއިން ގައުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށް ވާތީ، އެވޯޑް ލިބުން ހައްގުކަމަށް ޢަދަދު ނޫހުން ގަބޫލުކުރާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.