ލައިސަންސް ނެތި ބޭރުފައިސާގެ މުއާމަލާތު ނުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްއޭގެ ބަޔާނުގައި ވަނީ ރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ޤާނޫނު އަދި މަނީ ޗޭޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.
އެހެން ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއިއެކު ކުރާނަމަ، އެ މުޢާމަލާތްކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް ވެސް އެމްއެމްއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ގާނޫނާ ގަވައިދާ ޚިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ބާތިލްކޮށްފައެވެ.
ރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް 09 ސެޕްޓެންބަރު ގެ ނިޔަލަށް ދޫކުރެވިފައިވަނީ 59 ފަރާތަކަށްކަން ހާމަކޮށް އެމްއެމްއޭއިން ވަނީ އެ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައެވެ.