ހަތަރު ލައްކަ ރުފިޔާއަށް މީހަކަށް ގޯއްޗެއް ވިއްކަން ނިންމާފައިވަނީ 23 އަހަރުވީ މައްސަލައެއްގެ ހައްލުގެ ގޮތުގައި ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު އަޙްމަދު ޒާހިރުގެ މައްސަލައާ ގުޅޭ ލިޔުމެއް ކަމަށެވެ.

އެގޮތުން އޭނާއަށް އެ ސްކީމުގެ ދަށުން ލިބުނީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި، އެބިމުގެ އަގަކީ 339،000 ރުފިޔާކަން އެއިރު ރައީސް އޮފީހުން ޑިސެންބަރު 24، 2003 ގައި ދޫކުރި ލިޔުމުންވެސް އެނގެން އޮންނަކަން ފާހަގަކޮށް ވުޒާރާއިން ބުނީ، ފާއިތުވި އެކި ސަރުކާރުތަކުގައި އެގޯތި އޭނާއާ ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެ ބިން ހަވާލުކޮށްފައިނުވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ ގާތް ގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އަހުމަދު ޒާހިރު މި ސަރުކާރުގައި އެދިފައިވާތީ، އޭނާއަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، އޭނާއަށް ބިން ވިއްކުމަށް ކުރިން ސަރުކާރުން އެއްބަސްވި ކޮމާޝަލް ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޭނާއަށް ބިމެއް ވިއްކުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވުޒާރާއިން ބުނީ އޭނާއަށް ވިއްކަން ނިންމާފައިވަނީ ބިމަކީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދޫކުރުމަށް ނެގި ބިންތަކުގެ ތެރެއިން، އެ ސްކީމުގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކުރާ އަސާސީ ޝަރުތެއް ފުރިހަމަނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ހުސްކޮށް އޮތް ބިމެއް ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ނާޒުކު މައްސަލައަކަށް ވާތީ، މި ނިންމުމުގައި އެއްވެސް އުސޫލަކާ ހިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި، މިނިސްޓްރީގެ އިސްނެގުމުގެ މަތިން މި މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށަހެޅުމަށް ނިންމާފައި ކަމަށް ވެސް އެ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހުގައި ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.