ތިލަފުށީގައި ތަރައްގީކުރާ އާ ބައިނަލްއަގުވާމީ ބަނދަރުގެ މިލްކުވެރިކަމާއި ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރުގެ ދަށުގައި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި މިހެން ބުނެފައި މި ވަނީ އިންޑިއާގެ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި މިއީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާމެދު އޮތް ގުޅުމަށް އައި ބަދަލެއް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ 'މޯލްޑިވްސް ފަސްޓް' ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ ސިޔާދަތާއި ގައުމީ މަސްލަހަތު އިސްކޮށްގެން ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކާއެކުވެސް ބިނާކުރަނިވި ގުޅުމެއް ބޭއްވުން ކަމަށެވެ.

އެ މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނާއި ގައުމުގެ ދިގު މުއްދަތުގެ ފާގަތިކަމަށް ހިދުމަތްކުރާނެ ތަނެއް ކަމަށެވެ. އަދި އެ މަޝްރޫއު ހަވާލުކުރެވިފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އެއްވެސް ތަފާތު ކުރުމެއް ގެންގުޅުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ އެއްވެސް ބައިވެރިއަކާމެދު ދެވޭ މެސެޖެއް ކަމުގައި ދެކިގެން ނުވާނެ. ރާއްޖެއިން އަބަދުވެސް އެ ހުރިހާ ބައިވެރިންގެ އަގުވަޒަންކުރޭ."

މިނިސްޓަރު ސައީދު

ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރަކީ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ. 20 ހެކްޓަރުގެ ބިމެއްގައި ތަރައްގީކުރާ މި ބަނދަރު ނިމުމުން، އަހަރަކު ތިން ލައްކަ ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

އާ ބަނދަރު ހުޅުވުމާއެކު، މުދާ ކްލިއާ ކުރުމަށް މިހާރު ނަގާ ހަތް ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުޑަކުރެވޭނެއެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ނޮވެންބަރު 11ގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލު ކުރުމަށެވެ.