ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ވަނީ 3،357 މީހަކަށް ދީފައެވެ. އަދި 5،206 ކުޑަކުދިންނަށްވެސް އެހީ ދީފައިވާ ކަމަށް އެންސްޕާއިން ހާމަކުރެއެވެ. އެއީ، ޖުމްލަ 17،469،000 ރުފިޔާއެވެ.

އަދި އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، 179 ކުޑަކުދިންނަށް އެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ 137 ކުދިންނަށާއި، 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187،500 ރުފިޔާ ދީފައިވެއެވެ. އަދި މި އެހީއަށް މިދިޔަ މަހު އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާކަމަށްވެސް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދީފައިވާއިރު، މިދިޔަ މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް 1،070،000 ރުފިޔާ ވަނީ ދީފައެވެ. އަދި 4 ފަރާތަކަށް ތެލެސީމިއާ އެލަވަންސް ހަމަޖައްސާދީފައިވާކަމަށްވެސް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.