ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދުގެ ކުރިއަށް ހުރި ވަގުތުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުނު އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރެއެވެ. އަދި ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކުރެއެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގެ ސަރަހައްދަށް އައި ވިންޑް ކޮންވަރޖެންސްގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތުއޮތްކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓުން ވަނީ އެންމެ ދެކުނު ފިޔަވާ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.