ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ އެ މިނިސްޓްރީން މިއަދު ވަރަށް މުހިންމު ގަވައިދެއް ގެޒެޓުކޮށްފައިވާ ކަމަށާއި، މިއީ ސަރުކާރުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ގަވާއިދު އާންމުކުރިއިރު، އެކި ބޭނުންތަކަށް ދޫކޮށްފައިވާ ފަޅާއި ރަށްތަކުގެ ތެރެއިން ތަރައްޤީ ނުކުރެވި 168 ތަނެއް އޮތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިތަންތަނުގެ ތެރޭގަ އެބަ ހިމެނޭ 25 އަހަރުވެފަ ހުރި ތަންތަން. ޑިވެލޮޕްމަންޓް ނުނިމި ހުރިތަންތަން. އެހެންވީމަ މީގެން މި ވަމުން ދިޔަ ގޮތަކީ ވަރަށް ދިގުމުއްދަތެއްގަ އެ މައްސަލަ ހައްލުނުގެނެވި ސަރުކާރަކުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް ނާޅުއްވާ އޮތުމުގެ ނަތީޖާއަކީ މިހާތަނަށް މިކަންތައް ދިއުން. އަޅުގަނޑުމެންގެ ސަރުކާރުން ގަބޫލުކުރާގޮތުގައި މިއީ ރައްޔިތުންގެ ހައްގު. ދައުލަތުގެ ހައްގު. އަޅުގަނޑުމެން އެކަން ގަބޫލުކުރަންޖެހޭނެ. މިއީ ވަކި ބައެއްގެ އަތްމަތީގައެއް މިހާ ދިގުމުއްދަތަކަށް ނުއެއް ބެހެއްޓޭނެ. ދައުލަތުގެ ތަންތަން. މިކަހަލަ މުހިންމު ތަންތަނެއް."

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން

އޭގެ ތެރެއިން ބައެއް ރަށްރަށަކީ އޮޕަރޭޝަނަށް ނުގެނެވި 25 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ތަންތަން ކަމަށާއި، ދައުލަތުގެ އެފަދަ މުހިންމު ތަންތަން ވަކި ބައެއްގެ އަތް މަތީގައި ދިގު މުއްދަތަކަށް ނުބެހެއްޓޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެއީ ރައްޔިތުންނާއި ދައުލަތުގެ ހައްގު ކަމަށާއި އެކަން ގަބޫލު ކުރަންޖެހޭނެ ކަމަށެވެ.

މިފަދަ މަޝްރޫޢުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަދު އެކުލަވާލާ ގެޒެޓު ކުރި އިސްލާހުގެ ދަށުން މަސައްކަތް ކުރިއަށް ގެންދާނެ އިތުރު ފުރުސަތުތައް ދެވޭނެ ކަމަށެވެ. އަދި މަސައްކަތް ފަށާފައި ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު ފުރުސަތުވެސް ދޭނެ ކަމަށާއި އޭގެ އިތުރަށް، 4 ކެޓަގަރީއަކަށް ޤަވާއިދު ބަހާލާފައި އޮތްއިރު 8 އަހަރަށްވުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތްނަމަ ވަގުތުން އެއްބަސްވުން އުވާލާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.