ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އެހީ ދޫކުރުމާ ބެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރީ މިދިޔަ މަހުއެވެ.
މި އުޞޫލުގެ ދަށުން ޙަރަކާތްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ، މިއަދުން ފެށިގެން މި މަހުގެ 24ގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެ އެޖެންސީން ބުނީ މާލީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނީ ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު ކަމަށެވެ.
މާލީ އެހީ ދޭނެ ގިންތިތަކުގެ ތެރޭގައި ހަމައެކަނި ވަކި މުޖުތަމައުއަކަށް ނުވަތަ ރަށަކަށް އަމާޒުކުރެވޭ ހަރަކާތްތަކުގައި އެހީގެ އެންމެ މަތީ އަދަދަކީ 75،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދެކެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ އެންމެނަށް ފައިދާކުރާނެ ގޮތަށް ހަރަކާތް ހިންގާ ނަމަ، 100،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދެއް ދޫކުރާނެ އެވެ.
މީގެ އިތުރުން އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތްކުރާ ނަމަ، 300،000ރ. އާއި 500،000ރ. އާ ދެމެދުގެ އަގެއް އެހީގެ ގޮތުގައި ދޫކުރާނެ އެވެ.
މި އެހީއަށް އެދި ހުށަހެޅޭނީ ކަނޑައެޅިފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާގައި އިޢުލާނުކުރާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެނީ "ކޮންސެޕްޓް ނޯޓް"އާއި، ޖަމްޢިއްޔާގެ ރަޖިސްޓްރޭޝަން ލިޔުމުގެ އިތުރުން އަސާސީ ޤަވާޢިދެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ ބައިވެރިވާ ހުރިހާ ޖަމްޢިއްޔާއެއްގެ ރަޖިސްޓްރީ ހުށަހަޅަން ޖެހޭއިރު،ދެވަނަ މަރުޙަލާއަށް ދާނީ، ފުރަތަމަ މަރުޙަލާއިން ޝޯޓްލިސްޓްވާ ފަރާތްތަކެވެ. ޝޯޓްލިސްޓްވިކަން އަންގާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ތަފުޞީލީ ޕްރޮޕޯސަލާއި، ބަޖެޓުގެ ތަފްޞީލާއި ގުޅިގެން މަސައްކަތްކުރާނަމަ އެއްބަސްވުމާއި، މީގެކުރިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އަދި މަޞްލަޙަތު ފުށުނާރާކަމުގެ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.
ހުށަހެޅުންތަކާމެދު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، ކޮންސެޕްޓް ނޯޓު ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އިވެލުއޭޓްކޮށް ޝޯޓްލިސްޓް ކުރާނެއެވެ. އަދި ދެވަނަ މަރުޙަލާގައި ފުލް ޕްރޮޕޯސަލް ހުށަހެޅުމަށް 14 ދުވަސް ދޭނެއެވެ. އަދި އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިޢުލާނުކުރާނީ ތަފްޞީލު ހުށަހެޅުންތަކުގެ ސުންގަޑި ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.
ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލާ ހަތް މެމްބަރުންގެ އެވޯޑިން ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި މިނިސްޓްރީން ކަނޑައަޅާ ދެ މުވައްޒަފަކު ހިމެނޭނެ އެވެ. އަދި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރަކާއި ލޯކަލް ގަވާމަންޓް އޮތޯރިޓީން ކަނޑައަޅާ އިސް މުވައްޒަފަކާއި އެޗްޕީއޭ އިން ކަނޑައަޅާ އެ އިދާރާގެ ޓޮބޭކޯ ކޮންޓްރޯލް ސެކްޝަނުގެ އިސް މުވައްޒަފަކާއި ޕަބްލިކް ހެލްތު ފަންޑް ކޮމިޓީގެ ބޯޑުގެ މެމްބަރަކާއި ހޯމް މިނިސްޓްރީގެ އިސް މުވައްޒަފަކު ހިމެނޭނެއެވެ.